ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކުޅުނު ރަހުމަތްތެރިކަމުގެ ފަހު މެޗުގައި އިސްރާއީލް ބަލިކޮށް އެ ޓީމުން ޔޫރޯއަށް ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ.
ބުދަދުވަހުގެ ރޭ ޕޯޗުގަލްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުންވަނީ އިސްރާއީލްގެ ގޯލާއި އަމާޒުކޮށް ޖުމްލަ އަށް ހަމަލާއެއް ފޮނުވާލާފައެވެ.
މި މެޗުގައި ޕޯޗުގަލުން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު ކެންސެލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. އޭގެ ދެ މިނެޓްފަހުން ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ކެންސެލޯ ކާމިޔާބު ކޮށްދިންއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.
ޕޯޗުގަލް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ހަންގޭރީއާއި ދެކޮޅަށެވެ. މިއީ މަރުގެ ގްރޫޕްގެ ގޮތުގައި މަޝްހޫރުވެފައިވާ ގްރޫޕް އެފްގެ މެޗެކެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނާއި ފްރާންސެވެ.






