ފެށުނީއްސުރެ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަމަލުކުރަނީ ޒާތީކޮށް ކަމަށާއި، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތުގައި ކަމަށް ޔޫތު މިނިސްޓްރީގެ މަޤާމުން މިވަގުތު އެކަހެރި ކުރެވިފައިވާ އްޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި މަހުލޫފު މިއަދު ވިދާޅުވެފައިވާ ގޮތުން، މިގޮތަށް މިކަން ކުރަނީ އޭނާ މަގާމުން ވަކިކުރުމުގެ ނިޔަތުގައި އޭނަ އާއި ޖައްސާލާފައި ތިބޭ ސިޔާސީ ބަޔަކު އަޑީގަތިބެގެންނެވެ. އަދި މިކަން ސަރުކާރުގެ އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން."
މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު މިހެންވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވާފާވައި ދަނޑި ވަޅެއްގައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީ.ސީ) އިން ނެރުނު ބަޔާނުގައިވާގޮތުން މަހުލޫފަށް އުފުލާފައިވަނީ ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާއެވެ.
ޚިޔާނާތުގެ ބިލާއި ގުޅިގެން މަހުލޫފާއި ދޭތެރޭ ކުރި ތުހުމަތު ގޯސް ކަމަށާއި އޭސީސީ އަކަށް މިމައްސަލައިގައި ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ލިބިގެން ނުވާނޭ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ވިދަޅުވެފައިވެ އެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުކަމަށް އޭނާ ފާހަގަ ކުރިއެވެ.
މައްސަލައިގެ ހެކިކަމަށް ބުނެ ނަގާފައިވާ ބައެއް ތަކެއްޗާއި ބަޔާނަކީ ކަނޑައެޅިގެން ރާއްޖޭގެ ޤާނޫނާ ހިލާފަށް ހޯދާފައިވާ ތަކެތި ކަމަށާއި އަދި އެހެކިތަކަކީ ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކި ތަކެއްކަމަށް މަހުލޫފު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ ؟"
މަހުލޫފު އިތުރަށް ވިދާޅުވިއެވެ.
ސަރުކާރުގެ ތަފާތު ކުރުންތައް ފާހަގަ ކުރައްވާ މަހުލޫފު ވިދާޅުވީ ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ޚިޔާނާތުގެ މައްސަލަ ބައްލަވާ ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާ އާއި ދޭތެރޭ ތަފާތުނުކޮށް މައްސަލަ ކުރިއަށް ގެންދާނަމ،ަ އެއްމެދުވަހަކުވެސް މަޤާމުގައި ދެމިނުހުންނަވާނޭކަމަށެވެ.
ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިއަސް، އަދި އެހިސާބުން އެމްއެމްޕީއާރުސީ ގެ މައްސަލަ ނިމުނީކަން ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ. އަދި އެގޮތައް ކަންކަން ކުރާތީ ވަރުބަލިވެއްޖެ ކަމަށާއި އަބަދަކު އަނގަބަންދުކޮށްގެން ނުހުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






