ދިވެހިރާއްޖޭގައި އަލަށް އުފަންވާ ކުދިން އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ރެޖިސްޓްރީ ކުރުމަށް ހަތް ތެރޭގައި ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތަށް، އައު ގާނޫނެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
"އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.
މެންބަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުން މި ބިލުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ އުސޫލުތައް ކަނޑައެޅުމާބެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.
މިއަދު ސަރުކާރުން ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެކެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް މުއިއްޒު ބުނެފައިވެއެވެ.
ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ކުރުމުގެ އިތުރުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައިވެއެވެ.
އަދި ފޫޅުމާ ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް، މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލު ގެނައުމާއި، ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ އިތުރުން ގަސްދުގައި ގެއްލުން ދިނުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް އެބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި 10،000ރ. އާއި 15،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އަދި އެކަން ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެެވެ.






