ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން (ސީއެއްސީ)އިން އަންނަ ހަފްތާގައި އާންމުކޮށް ހުޅުވާލާނެކަން އިޢުލާންކޮށްފި އެވެ.
ރޭ ޕީއެސްއެމްގެ “ރާއްޖެ މިއަދު“ ޕްރޮގުރާމްގައި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިން މަގާމަށް މީހުން ހޮވާ، އައްޔަނު ކުރުމާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާޙީމް ރަޝީދު ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް އެސްޖީއިން އައްޔަންކުރުމުގެ ގޮތުން، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް އަންނަ ހަފްތާގައި ހުޅުވާލަން ތައްޔާރުވަމުން އަންނަކަމަށެވެ.
އެ މަގާމުގެ ޝަރުތުތަކާއިގުޅޭ މައުލޫމާތު ދެއްވަމުން ސީއެސްސީގެ ނައިބު، ރަޝީދު ވިދާޅުވިގޮތުގައި، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަގާމުގެ ޝަރުޠު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 2 އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަގާމުގެ ޝަރުޠު ހަމަވާނެއެވެ. އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.
ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ ތަޖުރިބާގެ ގޮތުގައި، "އެޑްމިނިސްޓްރޭޝަން" އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، އެޑްމިނިސްޓްރޭޝަން މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުން ފަދަ ކަންތައްތައް ހިމެނޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ
މީގެއިތުރުން މެނޭޖްމަންޓާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވުމުގެ ޒިންމާއާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ޙަވާލުވެ ހުންނަ މުއްދަތުތައް ބަލާނެކަމުގައި ވެސް ރަޝީދު ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެސްޖީއިންގެ މުސާރައާއިގުޅޭ ތަފްސީލްވެސް ރަޝީދު ވަނީ ހިއްސާ ކުރަށްވާފައެވެ. މިގޮތުން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު އެކުޖުމުލަ -/35500 ރުފިޔާ ލިބެއެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު އެކުޖުމުލަ -/21000 ރުފިޔާ ލިބެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު އެކުޖުމުލަ -/16100 ރުފިޔާ ލިބެއެވެ.
އެސްޖީއިންގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަގާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ރޭ ރަޝީދު ވިދާޅުވިއެވެ.
ކޯވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް، ފަސޭހަކަމާއެކު މި މަގާމަށް އެދުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، އޮންލައިން ޕްލެޓްފޯމެއް ސީއެސްސީން ވަނީ ގާއިމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ގޮތުން މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މަގާމަށް އެދެންޖެހޭނީ އޮންލައިންކޮށް ސީއެސްވިއުގައި އެކަމަށް ޚާއްޞަކޮށްފައިވާ ލިންކު މެދުވެރިކޮށްގެން ކަމަށާއި، މިނޫން ގޮތަކަށް އެސްޖީއިންގެ މަގާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ސީއެސްސީއިން ޢާންމުކޮށްފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން، މަގާމަށް މީހަކު އައްޔަންކުރެވިގެންދާނީ، ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ލަފާގެ މަތިން ކަމުގައި ވެސް ރަޝީދު ފާހަގަ ކުރެއްވިއެވެ.
މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ސީއެސްސީގެ މޯބައިލް ނަންބަރު 7207307 އަށް ގުޅުއްވުމުން ނުވަތަ މެސެޖްކުރެއްވުމުން މަޢުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، މަޢުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް އެކަމާއިގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަށްވަމުން ރަޝީދު ވިދާޅުވެފަވެއެވެ.
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.







