ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، މާލެ އަދި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، ރައީސް ނަޝީދު އަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް އިން ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަން ތަކެއް ރޭ ފަތިހު 05:30 އިން ފެށިގެން ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 300 އާ ގާތްކުރާ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަނީ ބައިވެރިވެފައެވެ. އެ އޮޕަރޭޝަންގައި ކޮމިޝަނަ އޮފް ޕްރިޒަންސް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅުވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނެވި އެވެ.
ރައީސް ނަޝީދު އަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ފުލުހުން މިހާތަނަށް 10 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައި ވެއެވެ.
މޭ މަހުގެ 6 ވަނަ ދުވަހު ބާރުގަދަ އައީޑީއެއް ސައިކަލްގެ ތެރެއަށް ލައި ގޮއްވާލީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަން ދިޔަ ވަގުތުކޮޅާ ދިމާކޮށެވެ. އެ ސައިކަލް ބަހައްޓާފައި ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީމަގާވީ ކަންމަތީގަ އެވެ.
އެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެއަށްފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަނީ މޭ މަހުގެ 13 ވަނަ ދުވަހު ޖަނުމަނު ވިލާތަށް ވަޑައިގެން ފަރުވާ ހޯއްދަވަން ފަށާފައެވެ.
އަދި އެ މަނިކުފާނުގެ ފަޔަށްލިބިފައިހުރި ގެއްލުމުގެ ސަބަބުން އިއްޔެގަ ވަނީ އިތުރު ސާޖަރީއެއް ކޮށްފައެވެ.






