ފެށުނީއްސުރެ އެމްޑީޕީގައި ތިބި ލީޑަޝިޕްގެ ބައެއް މީހުންނަށް ވުރެ ގިނަ މަސައްކަތް އޭނާ އަށް އެމްޑީޕީ އަށް ކޮށްދެވިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މެމްބަރު ރޮޒެއިނާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އާންމު ފަރާތަކުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އޭނާ އަކީ އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގައި ހުރި މީހެއް ނޫން ކަމަށާއި ނަމަވެސް އެހެން ޕާޓީއެއްގައި ހޭދަކުރި ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު އެމްޑީޕީގައި ހޭދަ ކުރެވިފައިވާ ކަމަށެވެ.
"އެމްޑީޕީގައި ފެށުނީއްސުރެން ތިބި ބައެއް މީހުންނަށް ވުރެ ގިނަ މަސައްކަތް ވެސް އެމްޑީޕީ އަށް ކޮށްދެވިއްޖެ. މި ދައްކަނީ އާންމު މެމްބަރުންގެ ވާހަކައެއް ނޫން. ލީޑަޝިޕްގެ ވާހަކަ" ރޮޒެއިނާ ވިދާޅުވިއެވެ.
އަދި އެމްޑީޕީ އަށް ވަނީ މިއީ ޑިމޮކްރެސީއަށްޓަކާ މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ކަމަށް ދެކިގެން ކަމަށާއި އޭނާ އަކީ "ކަލްޓު" ސްޓައިލް ގަބޫލުކުރާ މީހެއް ނޫން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. އެގޮތުން ޕާޓީ ހިންގަން ވާނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ނެޝެނަލް އެގްޒެކެޓިވް ކޮމިޓީ (އެންއީސީ) އާއި ގައުމީ މަޖިލިހާއި ޕާޓީގެ އެހެން ގުނަންތަކުގެ މަޝްވަރާ އާއި ބައިވެރިވުމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Alhugandakee #MDP ufedhunu iru mithaa huri meeheh noon. Ekamu alhugandu ehen party ehga heydha kuri dhuvahah vuren gina dhuvas mihaaru MDP ga heydha kurevijje. MDP ga feshuneessuren thibi baeh meehunnah vuren gina masakkaiy ves MDP ah kohdhevijje.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 12, 2021
"ޑިމޮކްރެސީގެ އުސޫލުން ޕާޓީ ހިންގަން ބޭނުން ނުވަންޏާ އެ ނޫން ގޮތަކަށް ޕާޓީ އެކުލަވާލާ "ކަލްޓު" ގޮތަށް ހިންގަން ވަކި ބަޔަކު އެކަނި ތިބޭ ތަނެއް ގޮތަށް ބަންދުކޮށްލަންވީ. އޭރުން ހިޔާލު ތަފާތުވާ ބައެއް ނުތިބޭނެ. ކިޔާހާ އެއްޗަކަށް "ޔެސް ސަރ" ނުވަޔަ "ޔެސް މެޑަމް" ކިޔާނެ ބަޔަކު ތިބޭނީ" ރޮޒެއިނާ ވިދާޅުވިއެވެ.






