ގދ. ތިނަދޫގައި ބަހައްޓަން ހަމަޖެހިފައިވާ ޕީސީއާރު މެޝިން މިމަހުގެ ފަހުކޮޅުގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެ އެވެ.
ސައުދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ހުވަދު އަތޮޅަށް ބޭނުންވާ ޕީސީއާރު މެޝިން ލަސްތަކެއް ނުވެ ލިބޭ ކަމަށް ހެލްތް މިނިސްޓަރު, އަހުމަދު ނަސީމް ވިދާޅުވެފައިވާ ކަމަށެވެ. މީގެ އިތުރުން ސައުދު ބުނެފައިވަނީ އެ މެޝިންތަކަކީ ރާއްޖެއިން ބޭރުން ގެންނަ މެޝިންތަކެއް ކަމުން ސީދާ ދުވަހެއް ހާމަކޮށްފައި އެ ދުވަހަށް ނުލިބިއްޖެ ނަމަ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭނެތީވެ ސީދާ ދުވަހެއް ދަންނަވަން ދަތި ކަަމަށެވެ.
މިވަގުތު ހުވަދު އަތޮޅުގައި ޕީސީއާރު ޓެސްޓު ކުރަމުން އަންނަނީ އެ އަތޮޅު އުތުރުބުރީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލާއި, އެ އަތޮޅު ދެކުނުބުރީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. އެ ދެ ހޮސްޕިޓަލުގައިވެސް ބޭނުން ކުރަމުން އަންނަނީ ޖީން އެކްސްޕާޓް މެޝިންތަކެކެވެ. އޭގެ މެޝިންތަކުން ދުވާލެއްގެ މައްޗަށް ހެދެނީ 48 ސާމްޕަލެވެ.
ޕީސީއާރު މެޝިން ލިބުމުން ދުވާލެއްގެ މައްޗަށް 300 އެއްހާ ސާމްޕަލް ރަން ކުރެވި ނަތީޖާ ލިބިގެންދާނެ ކަމަށް މީގެ ކުރިން ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.






