މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ލާމު އަތޮޅުގެ 10 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމަށް ނިންމައިފި އެވެ.
އެންވަޔަރންމަންޓް މިނިސްޓްރީން ހިންގާ އެރައިސް ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް އޮފިސަރ އިފާދު ވަޙީދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގައި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެކަމަށްވެސް އިފާދު ވިދާޅުވިއެވެ.
“އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި. އަދި ހަމައެޔާއެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވޭ. އެހެންކަމުން ލާމު އަތޮޅުގެ ރަށްތަކުގެ ކަރަންޓް ވިއުގަވެސް މި މަޝްރޫޢޫގެ ތެރެއިން އަޕްގްރޭޑްކުރުމަށް ވަނީ ހަމަޖެހިފައި"އިފާދު ވިދާޅުވިއެވެ.
ލ. އަތޮޅުގައި މި ނިޒާމު ޤާއިމުކުރުމަށް އިއުލާންކުރެވިފައިވާ ރަށްތަކަކީ ފޮނަދޫ ގަން ހިތަދޫ މާމެންދޫ ކުނަހަންދޫ މާބައިދޫ ދަބިދޫ މާވަށް އިސްދޫ ކަލައިދޫ އެވެ.






