ކޮވިޑް-19 އިން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ހަމަޖައްސާދިނުމަށް އެދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ޤަރާރު މަޖިލީހަށް ބަލައިގެންފިއެވެ.
މުމްތާޒް ހުށަހަޅާފައިވާ ޤަރާރުގައި އެދިފައިވަނީ، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރެޓޯރިއަމް ހަމަޖައްސައިދިނުމަށާއި، މޮރެޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެޒިލީޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުން އެއީ ޝަރުތެއްކަމުގައި ކަނޑަނޭޅުމަށެވެ.
އެ ޤަރާރު މަޖިލީހުން ބަލައިގަނެފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. އަދި ޤަރާރު ދިރާސާ ކުރުމަށް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.
އަދު މޮރެޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރަސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެޒިސިލީޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރުނުވެ އެއްކޮށް މައާފުވާގޮތަށް ހަމަޖައްސައިދިނުމަށްވެސް ހުށަހަޅާފައިވެއެވެ.






