ގދ.އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ޕަބްލިކް ވޯކްސް ގެ ސީނިއާރ އެގްޒެކްޓިވް ޑިރެކްޓަރ މުހައްމަދު ހަސަން އާއި އެގްޒެކްޓިވް ޑިރެކްޓާރ ހައުލަތު އަލީ ބައްދަލު ކުރައްވައިފި އެވެ.
މިއަދު ގދ.އަތޮޅު ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމުގައި ޕަބްލިކްވޯކްސް އިން ވަނީ އެ އިދާރާގެ ހުރި ދަތިތަކާއި، ގޮންޖެހުންތަށް ހިއްސާ ކޮށް އެކަމަށް ހައްލު ހޯދޭނެ ގޮތަކާއިމެދު މަޝްވަރާކޮށްފައި ވާ ކަަމަށެވެ.
އެގޮތުން ގދ.އަތޮޅު ކައުންސިލާއި މިނިސްޓްރީއާއި ދެމެދު ހެދިފައިވާ އެއްބަސްވުން މުރާޖާ ކުރުމައީ ޕަބްލިކްވޯކްސްގެ ބެލުމުގެ ދަށުގައި ހުރި ވެހިކަލް ތަކުގެ ހާލަތު ދެނެގަނެ މަރާމާތް ކުރަން ޖެހޭ ވެހިކަލްތައް މަރާމާތު ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެވުނު ކަމަށާއި ޕަބްލިކްވޯކްސްގެ އޮފީސް އިމާރާތަކީ ބައުވެފައި ހުރި އިމާރަަތެއްކަމުން އެއިމާރާތް މަރާމަތު ކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ވާހަކަ ދައްކާއި މަސައްކަތްކުރެވޭނެ މާހައުލެއް އެއިދާރާގައި ގާއިމު ކުރެވޭނެ ގޮތަކާއިމެދު މަޝްވަރާކުރެވުނު ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ބަޖެޓުގެ ދަތިކަން ހުރި ގޮތުން ކޮންމެހެން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ނުކުރެވި ހުރުމުގެ ސަބަބުން އެކަމަށް އެންމެ އެދެވޭނެ ހައްލެއް ހޯދުމަށް މިނިސްޓްރީތަކާއި މަޝްވަރަކޮށްގެން ކުރިއަށް ގެންދިޔުމަށް ވެސް މި ބައްދަލުވުމުގައި މަޝަވަރާ ކުރެވުނު ކަަމަށް ކައުންސިލުން މައުލުމާތު ދެއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ވަނީ ގދ އަތޮޅު ގެ ރަށްތަކުގައި މިއަހަރު ކުރިއަށް އޮތްތާ ކުރަންޖެހޭ މަސައްކަތްތަށް ހޯދާ ބަލައި އެމަސައްކަތްތަައް ތާވަލުކުރާނެ ގޮތާއިމެދު މަޝްވަރާކޮށް އެމަސައްކަތްތައް ކުރެވޭނެ ބަޖެޓް ހޯދަން މަސައްކަތް ކުރުމަށް ނިންމާާފައެވެ.






