ރައްޔިތުންގެ މަޖިލީހުގެ ބ.ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސައިން މިފަހުން ހުށަހަޅާފައި ވާ "ނަފުރަތުގެ އަމަލު" ބަޔާން ކޮއްދޭ ބިލާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް އެ ބިލާ ދެކޮކަމަށް ، ގދ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
ގދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރ 7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭ ބިލުގައި ގދ. އަތޮޅު ގިނަ ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.
މި ބިލުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ، އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެންދާކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އިސްލާމްދީނުގެ މުހިއްމު އެއް އަސާސްކަމުގައިވާ، މުންކަރާތްތައް ނަހީކުރުމުގެ ދޮރު ބަންދުވެގެންދާގޮތަށް ބިލު ފަރުމާކުރެވިފައި އޮތްކަމަށް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާކަން ސާފުކޮށް ފެންނަން އޮތްކަން ފާހަގަކުރައްވާ އެ ކައުންސިލުން ބުނިގޮތުން، އަސާސީ ޙައްޤެއް ހަނިކުރުމުގައި އިސްލާމީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސްއެޅޭފަދަ ގޮތަކަށް ޤާނޫނެއް ވުޖޫދަށް ގެނައުމަކީ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ) ން ލާޒިމުކުރާ އުސޫލާ ޚިލާފަށް ކުރެވޭ ޢަމަލަކަށް ވާނެކަމަށް އެ ކައުންސިލުން ދެކޭކަމަށެވެ.
މީގެ އިތުރުން، އެ ބިލު ޤާނޫނަކަށް ވެއްޖެނަމަ، އިސްލާމްދީނާމެދު ޢަދާވާތްތެރިކަން ފާޅުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށް އުޅޭ މީހުންގެ ނިވާފަތްގަނޑެއްގެ ގޮތުގައި އެޤާނޫނުގެބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރާކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ. އަދި އެފަދަ ފަރާތްތަކާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ކުރިމަތީގައި އެ ޤާނޫނު ހުރަހަކަށްވެ، ދީނާ ދެކޮޅު ފިކުރުތައް ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ގޮވާލެވޭ ގޮވާލެވުން ކުށަކަށް ވެގެން ދާނެ ކަމަށް ފާހަގަކުރިއެވެ. ދީނާ ޚިލާފު ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢުގައި ފަތުރަން މަސައްކަތްކުރާ ފަރާތްތަކާމެދު މުޖުތަމަޢު ހޭލުންތެރިކޮށް، ދަރިންނާއި ޤައުމު އެފަރާތްތަކުގެ ކިބައިން ސަލާމަތްކުރުމަށް ނަސޭހަތް ދިނުމުގެ ދޮރު އެކަންކަން ކުރަންތިބޭ ފަރާތްތަކުގެ ކުރިމަތީގައި ވަރަށް ބޮޑަށް އުނިވެގެންދާކަމަށްވެސް ހާމަކުރިއެވެ.
"ނަފުރަތުގެ އަމަލު" ބަޔާންކުރާ މި ބިލާ ދެކޮޅަށް ވޯޓުދެއްވުމަށް، ގދ. އަތޮޅު ރައްޔިތުންނާއި އެ ކައުންސިލްގެ ނަމުގައި، ރައްޔިތުންގެ މަޖުލީހުގެ އެންމެހައި މެންބަރުންނަށް ވަނީ އެ ބަޔާނުގައި ކައުންސިލުން ގޮވާލާފައެވެ. އަދި ޤާނޫނަށް ގެނެވޭ މިފަދަ ބިލްތަކާއި އިސްލާހުތަށް ގެންނަންވާނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ހިއްސާކުރެވި، އެބޭފުޅުންގެ ރަޢުޔު ހިމެނިގެން ކަމުގައި ދެކޭކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.






