ގއ. ކޫއްޑޫ ރަންދި 26 ގެ ކްލަސްޓަރ އާ ގުޅިގެން ގއ. ކޮލަމާފުށި މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
މިއަދު ކޮލަމާފުށި ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކޮލަމާފުށި ކޮލަމާފުށި މޮނިޓަރިން އަށް ލުމާއި ގުޅިގެން ކޮވިޑް 19 އިން ސަލާމަތްވުމަށް ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ޓާސްކު ފޯސް އިން ނިންމާފައިވާކަމަށެވެ.
އެގޮތުން ކައުންސިލް އަދި ޓާސްކު ފޯސްއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީ އާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ނުބޭއްވުމާއި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުން، ހުރިހާ ކުޅިވަރުތައް ހުއްޓާލުމާއި ޖިމްތައް ބަންދުކުރުން، މަގުމަތީގައި އަދި އާންމު ތަންތާގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުން، ހޮޓާތަކާއި ފިހާރަތަކުގެ ހިދުމަތްތައް އެޗްޕީއޭ ގެ އުސޫލާ އެއްގޮތަށް ދިނުން، މަދަރުސާއަށް ދަރިވަރުން ނުގެންދިޔުން، މިސްކިތްތަކުގައި ވުޟޫ ކުރުމުގެ ބަދަލުގައި ގެއިން ވުޟޫ ކޮށްގެން މުސައްލަ ހިފައިގެން ދިއުން، އަދި ހުންއައިސް ރޯގާގެ އަލާމާތެއް ފެނަނަން ހުރިނަމަ ގޭގައި މަޑުކުރުން ފަދަ ކަންކަން އަންގާފައިވެއެވެ.
އަދި މިރޭ 9:00 ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ އަންގާފައިވެއެވެ.
ރައްޔިތުންގެ ހައްގުގައި ކައުންސިލާއި ޓާސްކް ފޯސްއިން އަންގާފައިވާ ފިޔަވަޅުތަކަށް ހަރުދަނާ ކަމާއެކީ އަމަލު ކުރުމަށާއި ކޮވިޑް 19 ގެ ބަލީގެ ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ޓާސްކް ފޯސް އިން ވަނީ އެދިފައެވެ.






