އައްޑޫ ސިޓީ ހިތަދޫގައި ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރަށް ނުކުމެ އުޅުން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) ވަނީ މަނާކޮށްފައެވެ.
ހިތަދޫގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި މިހާރުވެސް ހިންގަމުންދާ ކާފިއު ވަގުތުތަކުގެ އިތުރުންވެސް ހާއްސަ ހާލަތެއްގައި މެނުވީ ގެއިންބޭރަށް ނުކުމެ އުޅުން އީއޯސީ އިން މަނާ ކޮށްފައިވަނީ ހާއްސަ އުސޫލު ތަކަކާއެކުގައެވެ.
އެގޮތުން ހިތަދޫގައި ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ހާއްސަ ފާހެއް ވެސް ބޭނުން ވާނެކަމާއި ކޮންމެ ގޭބިސީއަކަށް ދޫކުރެވޭނީ 2 ފާސް ކަމުގައިވެސް އީއޯސީއިން އާންމުކޮށްފައެވެ.
އީއޯސީ އިން އިތުރަށް އާންމު ކޮށްފައިވާ އުސޫލު ތަކުގެ ތެރޭގައި ފަތިހު 4ކުން 8ކަށް ބޭރު ތެރޭގައި ކަސްރަތު ކުރަން ދިއުން،ހެނދުނު 8ކުން ހަވީރު 4ކަށް ވިޔަފާރި ކުރަން ނުކުމެވުން،މސްވެރިކަން ކުރަންދިއުމަށް ޕުލުހުންގެ ހއްދައިގެ ދަށުން ދެވޭނެކަން،ކެފޭ ރެސްޓޯރެންޓް ތަކަށް ހަމައެކަނި ޑެލިވަރީ ކުރުމުގެ ހުއްދަ ލިބުމާއެކު ހުއްދަ ލިބިފައިވާ ފިހާރަތަކުން ރޭގަނޑު 9:00 އާ ހަމައަށް ޑެލިވަރީ ގެ ހިދުމަތް ދެވޭނެކަމަށް އީއޯސީ އިން ވަނީ އާންމުކޮށްފައެވެ.
މުއްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެހެން ހާޒިރު ވާން ޖެހޭ މުވައްޒަފުންގެ ތަފްސީލާ ޑިއުޓީ ގަޑިތައް އެނގޭނެ ގޮތައް ލިސްޓް ތައްޔާރުކޮށް އީއޯސީއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.






