ގދ. ތިނަދޫއިން މިއަދު އިތުރު 21 މީހުން ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްގެ އަދަދު 196 އަށް އަރައިފިއެވެ.
ރާއްޖޭގައި އެންމެ ގިނަބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުންދާ އެއްރަށް ކަމަށްވާ ތިނަދޫގައި މިވަގުތު ކޮވިޑް އަށް ޕޮޒިޓިވްވެފައިވާ 196 މީހަކު ވާކަމަށާއި 119 ސާމްޕަލްތަކެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވެއެވެ.
ތިނަދޫގައި މިހާތަނަށް 451 މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 255 މީހުން ވަނީ ބަލިން ފަސޭހަވެ އާންމު ހާލަތަށް ރުޖޫޢަ ވެފައެވެ. މީގެ ތެރެއިން މިއަދު 14 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
ތިނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު 2 މީހަކަށް ފަރުވާ ދެމުންދާ އިރު މި ބަލީގައި ތިނަދޫ އިން މީހަކު ވަނީ ނިޔާވެފައެވެ.
ތިނަދޫ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި ތިނަދޫ އިން ކޮވިޑް ފެނި ރަށް ބަންދުކޮށްފައި އޮންނަތާ ދެ މަސް ވާން ކައިރިވެފައިވާއިރު، އެރަށުގެ ހާލަތު ގޯސްވަމުންދާތީ މިހާރު އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ނޫން ގަޑިތަކުގައި ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ ހޯދައިގެންނެެވެ.






