ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދަން ބޭނުންވާ ކަމަށެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ.
ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8870 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6800 ރުފިޔާ ލިބޭނެއެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.






