ޤާނޫނުލްއުޤޫބާތު އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅުއްވި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބުނެފިއެވެ.
އެމްޑީޕީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި، މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާކަމީ އެ ޕާޓީއިން ކަންބޮޑުވާ ކަމެއްކަމަށެވެ.
މީގެ އިތުރުން މިޕާޓީއިން ބުނެފައިވަނީ، މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމަށް އެ ޕާޓީ އިން ދެކޭކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ “ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުއުޤޫބާތު) އަށް އިސްލާހު ގެނައުމުގެ ބިލު” ހުށަހަޅުއްވާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައިކަމަށެވެ.
މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ، މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް އެ ޕާޓީއިން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.
އެ ޕާޓީއިން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުންކަމަށާއި ކޮންމެ ރައްޔިތަކަށްވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ އެ ޕާޓީގެ އެންމެ އިސް އެއް އަމާޒުކަމުގައި ބުނެފައިވެއެވެ.
ޤާނޫނު ނަންބަރު 9/2014 (ޤާނޫނުލްއުޤޫބާތު) އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ގޮވާލުން https://t.co/WoIwfMvZKo
— MDP Secretariat (@MDPSecretariat) June 21, 2021
އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވަނީ މިބިލަށް ތާއީދުކޮށް ކުރިއަށްގެންދާ ޕެޓިޝަނެއްވެސް ޓުވީޓު ކުރައްވާފައެވެ. ހަރުކަށި ފިކުރާއި ދެކޮޅަށް މީގެ 3 ދުވަސް ކުރިން ފެށި އެޕެޓިޝަންއަށް މިއަދުގެ މިހާތަނަށް ލިބިފައިވަނީ 3597 ސޮއެވެ. އެއިގެ އެއްދުވަސް ފަހުން ފެށި "ބޭން ސެކިއުލަރ ބިލް" ޕެޓިޝަން އަށް މިހާތަނަށް 7129 މީހަކު ސޮއިކޮށްފައިވެ އެވެ.







1 ކޮމެންޓް
ކޮންމެގޮތަކައް ބިލް ފާސްކުރިޔަސް ހަރުކަށިފިކުރު ކިޔާނަމަ ލާދީނީވެސް ކިޔާނެ އަދި ތިފާކުރާ ބިލަކީ ކުފުރެއް އެފާސްކުރިމީހުންނަށާ އެއައް އަމަލު ކުރާ މީހުންނައް ދެދުނިޔޭގަ ހަލާއްކުހުރި