ރޭ ހުޅުމާލޭގައި ރަހުމު ކުޑަގޮތަކަށް މަރާލާ އެއްލާލާފައިވާ ކުޑަކުއްޖާ އަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއްކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު މަޢުލޫމާތުދެމުން ބުނެފައިވަނީ އެކުއްޖާގެ މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށް ކުއްޖާގެ ހަށިގަނޑުގައި އެކިވަރުގެ ޒަޙަމްތައް ފެންނަންހުރިކަމަށެވެ.
އުމުރުން 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެނގިފަވާގޮތުގައި އެ ކުއްޖާ އެންމެ ކުޑައިރުން ފެށިގެންވެސް ދިރިއުޅެމުންދިޔައީ އާއިލާއާއެކު މާލޭގައެވެ.
ރަހީނު ކުރުމަށް ފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ މަރުވި ގޮތް ބެލުމަށް ޕޯސްޓު މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ވަނީ ނިންމާފަ އެވެ.






