ކުޑަ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ކަވަސާކީ ބަލީ" ރާއްޖޭގެ 7 ކުއްޖެއްގެ ގައިން ފެނިފައިވާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ބުނެފިއެވެ.
ކޮވިޑުގެ ރާޅަށްފަހު ކުޑަ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ނުވަތަ ކަވަސާކީ ބަލި ޖެހިގެން އަންނަ ކުދިން ފެންނަން ފަށާފައިވާކަމަށް ޑރ. ފައިސަލް ބެފައިވަނީ މިކަމާއިގުޅިގެން ކުރެއް ވިޓުވީޓު ތަކެއްގަ އެވެ.
މި ބައްޔާ ބެހޭގޮތުން ޑރ ފައިސަލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މި ބަލި ޖެހިއްޖެނަމަ ނުރައްކާ ވެދާނެ ބައްޔެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން ރާއްޖެއިން މި ބަލި ޖެހިފައި ތިބި 7 ވަރަކަށް ކުދިން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އާއްމުކޮށް މި ބަލި ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށާއި އެކުދިން ކޮވިޑަށް ފައްސިއިރު އާއި ބަލިން ރަނގަޅުވެ ދެ ހަފްތާ ފަހުން ވެސް ބަލި ޖެހިފައި އެބަ ހުރި ކަމަށެވެ.
މިއީ ކުޑަކުދިންގެ ހިތުގެ ލޭނާރުތަކަށް މައްސަަލަޖެހޭ އެންމެގިނަ އެއް ބަލިކަމަށާއި ހާޓްއެޓޭކެއް ޖެހިދާނެ ކަމުގެ ބިރުވެރިކަން އޮތް މި ބަލީގެފަރުވާގައި މައިގަޑު މަގުސަދަކީ ހިތުގެ ނާރުތައް ސަލާމަތްކުރުންކަމުގައިވެއެވެ. އަދި ބަލީގެ ކުރީކޮޅު ފަރުވާ ދެވިއްޖެނަމަ ނާރުތަކަށް ގެއްލުން ނުލިބި ސަލާމަތްކުރެވި ނާރުތައް ފުޅާވެފައިހުރިނަމަ ބައެއްފަހަރު މުޅި ޢުމުރަށްވެސް ބޭސްކާންޖެހޭނެ ކަމުގައި ޑރ ފައިސަލްގެ ޓްވީޓް ގައި ބުނެފައިވެއެވެ.
"ކަވަސާކީ ބަލި، މިއީ ކުޑަ ކުދިންގެ ހިތުގެ ލޭނާރުތަކަށް މައްސަަލަޖެހޭ އެންމެގިނަ 1 ބަލި، 5 ދުވަހަށްވުރެ ދިގުލާ ހުމެއްގައި މިތަނުން 4 ކަމެއް ހުރުން؛ އެއަށްވުރެ މަދުން ހުއްޓަސް އިތުރަށް ބަލަންޖެހޭނެ މި ނޫނަސް ޢަލާމާތްތަކެއްވޭ ކޮވިޑުނެތް ޒަމާނުގަވެސް މިބަލިޖެހޭ; ކޮވިޑާއިވެސް ގުޅުންހުރޭ"
ޑރ. ފައިސަލް ބުނެފައިވެއެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި މަދުވެގެން 3 ދުވަހު ގަދައަށް ހުން އައުން، ހިތުގެ ވިންދާ ލޭގެ ޕްރެޝަރު ދަށްވުން، ކަނދުރާގައި ރިއްސުން، އުކުޅުވަޅުގައި ރިއްސުން، ލޭ މަނާވުމުގެ ބައި ދަށްވުން އަދި ހޮޑުލުން ހިމެނޭ ކަމަށެވެ.
މި ބަލީގެފަރުވާގައި މައިގަޑު މަގުސަދަކީ ހިތުގެ ނާރުތައް ސަލާމަތްކުރުން؛
ހާޓްއެޓޭކެއް ޖެހިދާނެ ބައްޔެއްމީބަލީގެ ކުރީކޮޅު ފަރުވާ ދެވިއްޖެނަމަ ، އިރާދަކުރެއްވިއްޔާ ނާރުތަކަށް ގެއްލުން ނުލިބި ސަލާމަތްކުރެވޭ
ނާރުތައް ފުޅާވެފައިހުރިނަމަ ބައެއްފަހަރު މުޅި ޢުމުރަށްވެސް ބޭސްކާންޖެހޭ— Ahmed Faisal (@Faisalnaifaru) June 17, 2021
މީގެ އިތުރުން އަތާއިފައި އަދި ހަށިގަނޑު ރަތްވުން، އަތާއިފައި ދުޅަވުން، އަތާއިފައިން ހަންފޮޅުން، އެކިވައްތަރުގެ ބިހިތައް ނެގުން، ލޮލުގަ މަޑުނުލާ ލޯ ރަތްވުން، ކަރުގައި ގޮށްލުން އަދި ދުލާއި ތުންފަތާއި ކަރު ވަރަށް ރަތްވުން ފަދަ އަލާމާތްތައް ހިމެނޭ ކަމަށް ފައިސަލް ބުނެފައިވެއެވެ.
ކަވަސާކީ ޑިޒީޒް އަކީ އެސްޕްރިން ފަދަ ބޭހުން ވަރަށް ފަސޭހައިން ފަރުވާ ދެވޭ ބައްޔެކެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެމެރިކާގައި މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކަނީ 20،000 ކުދިންނެވެ.
ނިއު ޔޯކްގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އެ ސްޓޭޓްގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 29 ޕަސެންޓަކީ އުމުރުން ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނެވެ. އަދި 28 ޕަސެންޓަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ.
ކޮރޯނާވައިރަހަކީ ކުޑަކުދިންނަށް މާ ބޮޑު ގެއްލުމެއް ލިބޭ އެއްޗެއް ނޫންކަމަށާއި ބަލި ޖެހޭ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވަނީ 70 އަހަރުން މަތީގެ މީހުންނަށް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. ކުޑަކުއްޖަކަށް ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން އަލާމާތްތަކެއް ފެންނަން ފަށައިފިނަމަ އަވަހަކަށް ޑޮކްޓަރަކަށް ދައްކާށެވެ.






