ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި މިހާރު ރަނގަޅު ވާން ފަށައިވާއިރު،ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންނަށް އިތުރު ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރަމުންދާކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ، ވެކަސިންގެ ދެވަނަ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށް އިތުރު ލުއިތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް އިތުރަށް ވެކްސިން ޖެހުމަށްވެސް ބާރު އެޅޭނެ ކަމެއްކަމުގައި އަދި އެކަން ކުރުމުގެ ވިސްނުންވެސް ސަރުކާރުގައި އެބަހުރި ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މީގެ ކުރިން ވެކްސިންގެ ދެ ޑޯޒު ޖެހާފައިވާ ފަރާތްތަކަށް ދަތުރު ފަތުރު ކުރުމުގައިވެސް ލުއިތަކެއް ދޭން ނިންމި ކަމުގައިވިޔަސް، އެކަން މެދުކަނޑާލައިފާ ވަނީ ފަހަކަށް އައިސް ޕޮޒިޓިވް ކޭސްތައް އިތުރުވުމާ ގުޅިގެން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވެފައިވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދެވޭނީ ވެކްސިން ޖެހި މީހުންގެ އަދަދާއި ހައިރިސްކު މީހުން ވެކްސިން ޖަހާފައިވާ މިންވަރު އަދި ދަތުރުކުރާ ރަށެއްގައި ބަލި އޮތް މިންވަރު ބެލުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން ވެކްސިން ފުރިހަމަ ކުރި މީހުންގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވެ އިމިއުނިޓީ ލިބިފައިވާ މީހުންނަށް ދެވޭނެ ލުއިތަކެއް އޮތްތޯވެސް މަޝްވަރާ ކުރަމުންދާ ކަމަށް މަބުރޫކް އިތުރަށް ވިދާޅުވެފައިވެއެވެ.






