މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ގދ. ގައްދޫ އާއި ލ. މާވަށުން 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ.ގައްދޫ ޕޮލިސް ސްޓޭޝަނުން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގައްދޫއިން އުމުރުން 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މި މަހު 20 ވަނަ ދުވަހުގެ ރޭ ލ. މާވަށު އަތިރިމަތިން 45 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން އިތުރަށް ބުނެފައިވެއެވެ.
މި 2 އޮޕަރޭޝަނުގެ އިތުރުން ފުލުހުންވަނީ އދ. ދަނގެތީގައި ވެސް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައެވެ. ފުލުހުން ބުނެފައިވަނީ ދިގުރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ދިގުރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ.






