އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު އިސްތިޢުފާ ހުށަހަޅުއްވާފައި ވާތީ، ހުސްވެފައިވާ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 6 ޖުލައި 2021 އަދި 7 ޖުލައި 2021 ވަނަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު އެ އޮފީހުން ކަމަށެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ލިބޭނެ ކަމަށވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.






