ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް، ބޭރު ޓީޗަރުންނަށް ދޭގޮތައް އުޖޫރައާއި، އިނާޔަތްތައް ދިވެހިންނަށް ދޭން ފެށުމުން ދިވެހި ޓީޗަރުން ވެސް ލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލު އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާގެ ކެރެލާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ދިވެހި ސަރުކާރަށް އަމާޒު، ހޫނުފެނަށް ވެއްޓިފައި ވަނިކޮށް، އިންޑިއާއިން އެ ޓީޗަރުން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމުން އެކަމަށް އިޝާރާތް ކުރަށްވައެވެ.
މި މައްސަލާގައި ފާޑުކިޔާ މީހުންގެ ފާހަގަކުރަމުންދާ އެންމެ ބޮޑު ކަންބޮޑުވުމަކީ، ތައުލީމާއި ތަޖުރިބާހުރި ދިވެހި ގުރުއާން ޓީޗަރުން ވަޒީފާ ނުލިބިގެން އުޅޭއިރު، އެ ފުރުސަތު ދިވެހިންނަށް ނުދީ އިންޑިއާގެ ޓީޗަރުންނަށް އެ ފުރުސަތު ދޭން ފެށުމުންނެވެ.
މިކަން "ހިހޫކޮށް" އެޑިޔުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނަކާއި ހަވާލާދީ ނޫހަކުން ގެނެސްދިން ޚަބަރަކަށް އިޝާރާތް ކުރަށްވާ ރައްޔިތުންގެ ހައްގުގައި އެކި ރޮނގުތަކުން ވަކާލާތު ކުރަށްވަމުން ގެންދަވާ މެންބަރު އަލީ ވިދާޅުވީ، ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށެވެ.
ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް "ތިޔަމައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެ" ކަމަށް އަލީ ވިދާޅުވިއެވެ.
ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ. ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ތިޔަމައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެ. https://t.co/BGUzWDm6jy
— Ali Hussain (@AleeVoice) June 23, 2021
މި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ، އަރަބި ކިޔަވަައިދޭނެ ފަސް ޓީޗަރަކާއި ގުރުއާން ކިޔަވައިދޭނެ ފަސް ޓީޗަރަކު ވެސް އިންޑިއާ އިން ގެނެސްފައިވާ ކަމަށާއި އެ މީހުން އަންނަނީ ނުވަ ސްކޫލެއްގައި ކިޔަވައިދެމުން ކަމަށެވެ.
އެ މިނިސްޓްރީން ބުނާގޮތުގައި އެ 10 ޓީޗަރުން ރެކްރޫޓް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އަދި ގުރުއާނާއި އަރަބި ކިޔަވައިދޭނެ ޓީޗަރުން ހޯދަން އިއުލާނު ނުކޮށްގެން ނުލިބުމުން، އެކި ގައުމުތަކުގެ ހައި ކޮމިޝަންތަކުގައި ޓީޗަރުން ހޯދުމަށް އެދުނު ކަމަށް މިނިސްޓްރީންް ބުނެފަވެއެވެ.






