އައްޑޫ ސިޓީ އިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑޫ ހޮސްޕިޓަލުން ބުނީ މި 4 ޕޮޒިޓިވް ކޭސް ވެސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އެގޮތުން އެ ކޭސްތަކުގެ ތެރެއިން 2 ފަރާތަކީ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވާއިރު ދެން ޕޮޒިޓިވް ވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ރެންޑަމް ސާމްޕަލް އެކެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ 3 ދިވެހިންނާއި ބިދޭސީއެކެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 127 އެކްޓިވް ކޭސް އުޅޭއިރު، މަރަދޫގައި 4 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 131 އެކްޓިވް ކޭސް މިހާރު އެބަ ތިއްބެވެ.
އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 317 މީހުން ރަނގަޅުވެފައިވާއިރު ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.
ހިތަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރު ވަނީ ހަވީރު 4 އިން ހެނދުނު 8 ކަށް އިތުރުކޮށްފައެވެ. އަދި ފުލުހުން ދޫކުރާ ހާއްސަ ހުއްދަ ނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.






