އައްޑޫސިޓީ ހިތަދޫ އެވްރިވަން ލަރނިންގ ސެންޓަރުން ވައްކަންކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި މަހު 24 ވަނަ ދުވަހު އިންޓެލިޖެންސާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހިދަތޫގެ 2 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެގޮތުން، އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރ ސިސްޓަމަކާއި އިލެކްޓްރޯނިކްސް ސަމާނު އެ 2 ގެއިން ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.






