Close

2 މިނިސްޓްރީ އަކަށް ސްޓޭޓް މިނިސްޓަރުން މިއަދު ޢައްޔަންކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަޤާމަށް، ދެ ބޭފުޅަކު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި 2 ބޭފުޅުން މި 2 މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ. ސުނާރު ޚަދީޖާ ނަސީމެވެ.

ޚަދީޖާ ނަސީމް، ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި ޚަދީޖާ ނަސީމް ވަނީ ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަޤާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައެވެ. ޚަދީޖާ ނަޞީމް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ކުރިން އަދާކުރައްވަމުން ގެންދެވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުން ވަކިކުރައްވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ. ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ.

އަޙްމަދު އަފްޟަލް ވަނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް ( އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ޙާޞިލުކުރައްވާފައެވެ. އަޙްމަދު އަފްޟަލް އިބްރާހީމް މީގެ ކުރިން ވަނީ ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top