އުއްމީދަކީ މުޅި މާލެއށް ފްރީ އެކްސެސް ވައިފައި ލިބޭނެ ގޮތް ހެދުންކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މުޅި މާލެ ވައިފައި ކުރުމާއި ގުޅޭ ގޮތުން ދިރާގާއި އުރީދޫއާއު އެކު ވަރަށް ބިނާކުރަނިވި ދެ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ކުންފުނިތަކުގެ ޕްރޮޕޯސަލް ހަވާލުކުރާނެ ކަމަށެވެ.
"އުއްމީދަކީ މުޅި މާލޭގެ މަގުތަކާއި، އާންމު މައިދާންތަކާއި، ޕަބްލިކް ސްޕޭސްތައް ވަކި ލިމިޓަކާ ހަމައަށް ފްރީ އެކްސެސް ވައިފައި އިން ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުން. އެކަމަށް މިހާރު މަސައްކަތް ދަނީ ހިނގަމުން" މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ފުރަތަމަ ވައިފައި ކުރާނީ މާލެ ކަމަށާއި ނަމަވެސް ފަހުން ވިލިމާލެ ވެސް މި މަޝްރޫއަށް އިތުރުވާނެ ކަމަށާއި ހުޅުމާލޭގައި ވެސް އެކަން ކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.






