ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅިގެން އަންނަ ހަފުތާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލިސް ކުރާ ގޭގެ ތަޅުމުގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގަވާ ކަންކަން އަންގަވަމުން މަޖިލީހުގެ ރައީސްގެ ޒިންމާތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވާ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ އިއްޔެ ސަރުކާރުން އިއުލާނުކޮށްފައިވާ ލުއިތަކާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަސްތުކުރަނީ އަންނަ ހަފުތާގައި އަނެއްކާވެސް މަޖިލިސް ތަޅުމުގައި ބޭއްވޭނެ ކަމަށް،" އީވާ ވިދާޅުވިއެވެ.
އެގޮތުން އީވާ ވިދާޅުވީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް، ގައިދުރުކޮށްގެން މަސައްކަތަށް ނެރޭ މުވައްޒަފުން ވީހާވެސް ބޮޑަށް މަދުކޮށްގެން ފާއިތުވި އަހަރެއްހައި ދުވަހު މަޖިލީހުން މަސައްކަތްކުރަމުން ގޮސްފައިވާ ގޮތަށް މަސައްކަތް ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ތަޅުމުގައި ހިންގަންޖެހޭ މަސައްކަތް ތަޅުމުގައި ހިންގޭނެ ގޮތް އަންނަ ހަފުތާއަށް ހަމަޖައްސަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް އީވާ ފާހަގަކުރައްވާފައިވަނީ، މަޖިލިސް ތަޅުމުގައި ބޭއްވުމާމެދު މިހާރު ގެންދަވަނީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާ މަޝްވަރާކުރައްވަމުން ކަމަށެވެ. އަދި މަޖިލިސް ތަޅުމުގައި ބާއްވާނީ ހެލްތު މިނިސްޓްރީގެ އެހީތެރިކަމާއި މަޝްވަރާއާއި ލަފައާ އެއްގޮތްވާ ގޮތަށް ކަމަށެވެ.






