ތާރީޚުގައި ޓެރަރިޒަމްގެ ގާނޫނު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލިސް ތަޅުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސައުދު ވަނީ ޓެރަރިޒަމްގެ ގާނޫނު ރާއްޖެގައި ދަނީ، އެ ވަގުތަކު ވެރިކަމުގައި ތިބޭ ފަރާތްތަކުން ހިތްހަމަނުޖެހޭ، ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހުންގެ ފަހަތުން ކަމަށް ވިދާޅުވެ، އެއީ ވަރަށް ބޮޑު ކަން ބޮޑުވުމެއް ކަމަށް ވިދާޅުވެފައެވެ.
ވެރިކަމުގައި ތިބޭ މީހުން ޓެރަރިޒަމްގެ ގާނޫނު އައްޑަނައަކަށް ނަގައިގެން ސިޔާސީ މީހުންނަށް ހަމަލާދީފައިވާ ކަމަށާއި، އެއީ އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އޭނާ ވިދާޅުވިއެވެ،
"ކޮބައިތޯ، ކޮން ޔަގީންކަމެއްތޯ ދައުލަތުން ރައްޔިތުންނަށް ދޭނީ، މި ގާނޫނުގެ ބޭނުންހިފޭނީ އެންމެ ރަނގަޅު ގޮތުގައި ޓެރަރިސްޓުންނާ ދެކޮޅަށްތޯ؟ މިއީ މިއަދުގެ ސުވާލަކީ." ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މެދުގައި މި ސުވާލަށް އިތުބާރުކުރެވޭ މިންވަރަށް ފުލުހުންނަށް އިތުބާރުނުހިފޭ ހާލަތެއްގައި، މިފަދަ ގާނޫނެއް ފުލުހުންނަށް ދޫކޮށްލުމަކީ ވަރަށް ބޮޑު ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ފުލުހުން ޓެރަރިސްޓުން ހިސޯރުކޮށް، ޓެރަރިސްޓުން ހިފައި ހައްޔަރުކުރުމަށް ޓަކައި ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، ޓެކްނޮލޮޖީ ފޯރުކޮށްދީގެން ފުލުހުން ބޭނުންވާ ހުރިހާ އެހެނިހެން ކަންކަން ފަހިކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހިފާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނީ ގޮތުން ކޮންމެ ފަހަރަކު ހަމަ ހިތުހުރި މީހާ ހައްޔަރުކޮށްލަން ބޭނުންވާ ގޮތަށް؛ ގާނޫނު ނެތިއްޔާ ޕޮލިސް ސަރވިސްއަށް ކަމެއް ނުވާ ދަރަޖައަށް ކަންކަން އޮތުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެންމެ ފަހުން އަޅުގަނޑުމެން އެކުލަވާލި ޓެރަރިޒަމް ގާނޫނުގެ ދަށުން މޯލްޑިވްސް ޑިފެންސް ފޯސްގެ މައްޗަށް ވެސް ޓެރަރިސްޓް ހަމަލާއެއް އުފައްދައިގެން ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ލިބުނަސް އެކަން ހުއްޓުވުމުގެ ބާރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ވެސް އެބައޮތް ލިބިފަ." ސައުދު ވިދާޅުވިއެވެ.
އެހެންކަމުން މި ވަގުތު ކުރަންޖެހޭ ކަމަކީ ދިވެހިރާއްޖޭގެ އިންޓެލިޖެންސްގެ ދާއިރާ ވަރުގަދަކުރުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންވާ މިފަދަ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު ވަނީ މިއަދުގެ ރައީސް، ރައީސް ޞޯލިޙް ސިޔާސީ މީހުން ހިފާ ހައްޔަރު ކުރުމަށް ޓެރެރިޒަމްގެ ގާނޫނު ބޭނުން ނުހިފާނެކަމުގެ ފުރިހަމަ އިތުބާރުއޮތް ކަމަށް ވިދާޅުވެ، ރައީސް ސޯލިހަށް ތައުރީފް ކުރަަށްވާފައެވެ.






