ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން ދެކުނުގެ 3 ރަށަކަށް ހަމަޖެހިއްޖެ އެވެ.
ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް" ދެވަނަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ދެކުނުގެ 3 ޕްރޮޕޯސަލެއް ހޮވައިފައިވާ ކަމަށެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އެކި ރަށްރަށުގައި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ހިންގާ އެކއެކި ޕްރޮޖެކްޓުތަކަށް އެހީވާން ބޭންކުން ހުޅުވާލި ފަންޑެކެވެ.
ބީއެމްއެލް އިން ބުނީ ދެވަނަ ކުއާޓާގައި ދެކުނުނު އަތޮޅުތަކުން ހޮވުނު ޕްރޮޖެކްޓުތަކަކީ ގދ.ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް އިން ހުށައެޅި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީގެ ޕްރޮޕޯސަލް އާއި ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓް ހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުމަށް އިބްރާހިމް ނިޔާޒް ހުށައެޅި ޕްރޮޕޯސަލްގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމަށް އިބްރާހިމް އާތިފް ހުށައެޅި ޕްރޮޕޯސަލް ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިްގަން ގިނަ ޕްރޮޕޯސަލްތައް ލިބުނު ކަމަށާއި މިފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ރަށްރަށުގެ ޖަމިއްޔާތަކުންނާއި އާއްމު ރައްޔިތުން ކުރާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.
މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000ރ. ދޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ދެވަނަކުއާޓާގައި ހދ. ހަނިމާދޫ އަދި ށ. ޅައިމަގުގެ ޕްރޮޖެކްޓަކަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފަންޑު ކުރަން ވަނީ ހަމަޖެހިފައެވެ.






