Close

ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ގޮތައް ކުޅެފައިވާ ވީޑިއޯ އާންމުކޮށްފި

ގެއްލިފައިވާ މ.ޝައިނިންގ ސްޓާރ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް އާއްމުކޮށް، އަދިވެސް ރިލްވާން ގެއްލުނު މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތެއް ހުރިނަމަ އެމައުލޫމާތެއް ރިޔާސީ ކޮމިޝަނާއި ހިއްސާކުރަން އެކޮމިޝަނުން އެދިއްޖެއެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ވަނީ ރީއެނެކްޓްމެންޓް ވީޑިއޯއެއް ނުވަތަ ކުޅެފައިވާ ވީޑިއޯއެއް އާއްމުކޮށްފައެވެ. އެވީޑިއޯ އަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ގޮތައް ކުޅެފައިވާ ވީޑިއޯއެކެވެ.

ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާކުރެވެނީ އޭނާ ގެއްލުނު ރޭ 01:45 ކަންހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށް ވީޑިއޯގައި ބުނެއެވެ. ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާ މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ވީޑިއޯ އިން ފުރަތަމަ ދައްކަނީ މީގެ ކުރިން ވެސް އާއްމުކޮށްފައިވާ ސީސީޓީވީ ފުޓޭޖްގެ މަންޒަރުތަކެވެ. އެއީ އޮގަސްޓް 7، 2014 ގެ ރޭގަނޑު 10:00 ޖަހާކަށް ހާއިރު ރިލްވާން ސައިކަލެއްގައި އުޅޭ މަންޒަރެވެ. އެ ސައިކަލު ފަހަތުން ބަޔަކު މީހުން އޭނާއަށް ފާރަލަމުންދާ ކަން ފާހަގަ ކުރެވެއެވެ. ދެން ދައްކަނީ ރިލްވާން ވަރަށް ކައިރިން ފެންނަ ސީސީޓީވީ ފުޓޭޖްގެ މަންޒަރެކެވެ. އެއަށް ފަހު ދައްކަނީ ހެންވޭރު ފުޓްސަލް ދަނޑު ކައިރިން އޭނާގެ ބައެއް އެކުވެރިންނާ ބައްދަލު ކުރާ މަންޒަރެވެ. އެ ދުވަހުގެ ރޭ ބައިބަލާ މުބާރާތުގެ ފައިނަލް މެޗު ބަލަން ގޮސް ހުންނަ މަންޒަރާއި އެއަށް ފަހު ޗައިނާ އެމްބަސީ ކައިރިއަށްދާ މަންޒަރު ވެސް ވީޑިއޯ އިން ދައްކައެވެ.

އެމްބަސީ ކައިރި ހުރި އޭނާގެ ސައިކަލަށް އަރައިގެން ދަތުރު ކުރާ ވީޑިއޯ ފުޓޭޖުތަކެއް ވެސް ދައްކައެވެ. އޭގެ ފަހުން ފެންނަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ސައިކަލު ޕާކްކޮށްފައި ޓާމިނަލަށް އޭނާ ވަންނަ މަންޒަރު ދެން ޓާމިނަލް ތެރޭ ހުރި ސީސީޓީވީ ކެމެރޭގެ ވީޑިއޯ ފުޓޫޖެކެވެ. ޓިކެޓް ގަނެގެން ފެރީއަށް އަރަން އޭނާ ދާ މަންޒަރު ފެނެއެވެ. ކޮމިޝަންގެ ވީޑިއޯ ރިޕޯޓުން ދައްކާ ގޮތުގައި، ރިލްވާން ހުޅުމާލެ ދާން އަރަނީ މެންދަމު އެކެއް ޖަހާއިރުގެ ފެރީއަށެވެ.

މިވީޑިއޯ އިން ވެސް ރިލްވާން ގެއްލުނު ހާދިސާ އާއި އަދި ރިލްވާން ގެއްލުނު ހާދިސާގެ ތަހްގީގާއި ގުޅޭ އާއެއްވެސް މައުލޫމާތެއް ނުލިބެއެވެ. ވީޑިއޯގައި ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ 7 އޮގަސްޓް 2014 ވީ ބުރާސްފަތި ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާއި ގުޅޭ މައުލޫމާތު އެނގޭނެ ބައެއްފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބެދާނެކަމަށް ކޮމިޝަނުން ގަބޫލުކުރާކަމަށެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން ޝަރީއަތަށް ސާބިތުކުރެވޭވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާ ދިނުމަށްވެސް ކޮމިޝަނުން މިހާރުވަނީ ހުށައަޅާފައި ކަމަށާއި ކޮމިޝަނުންއެދެނީ ރިލްވާންގެ މައްސަލައާއި ގުޅިގެން އެފަދަ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިލްވާނަށް ވީގޮތް ހޯދުމަކީ ރައީސް ސޯލިހްގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެއަހަރާއި ބައި ވެގެން ދިޔައިރު ވެސް މައްސަލައިގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top