ގޭންގް ހަދައިގެން އިލްމުވެރިން އުޅޭކަމަށް ބުނުމަކީ ނަފްރަތު އުފެއްދުންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، ދީނީ ބައެއް އިލްމުވެރިން ގޭންގް ހަދައިގެން އުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ތުހުމަތު ކުރެއްވުމާއި ގުޅިގެން ނެވެ.
މެމްބަރު ޝަހީމުގެ ވާހަކަތަކަށް އިޝާރަތްކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ހަގީގީ ނަފްރަތު އުފެއްދުމަކީ އެއީ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވީމާ ހިތުހުރިހާ އެއްޗެއް ކިޔެންވީ ކީއްވެތޯ ޑރ. ޝަހީމް ސުވާލު ކުރެއްވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ އެމްޑީޕީން ނަފްރަތު އުފެއްދުން ހުއްޓުވަން ބޭނުންވާނަމަ، އެފަދަ. ވާހަކަދެއްކުން ހުއްޓާލަންޖެހޭ ކަމަށެވެ.
"މިއީ ހަގީގީ ނަފްރަތު އުފެއްދުމަކީ. މަޖިލީހުގެ މެމްބަރަކަށްވީމަ ހިތުހުރިހާ އެއްޗެއް ކިޔެންވީ ކީއްވެ؟ އެމްޑީޕީން ނަފްރަތު ހުއްޓުވަން ބޭނުންނަމަ މިކަހަލަ ވާހަކަ ހުއްޓުވަން ޖެހޭ." ޑރ. ޝަހީމް ވިދާޅުވި އެވެ.
ގޭންގް ހަދައިގެން އިލްމުވެރިން އުޅޭކަމަށް މެމްބަރު ޝަހީމް ވިދާޅުވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.
ކޮމިޓީއަށް ދީނީ އިލްމުވެރިން ގެނައުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޝަހީމް ވިދާޅުވީ ކޮމިޓީއަށް ގެނެވޭ ބައެއްގެ ސަބަބުން ބޮޑު ފިތުނައަކަށް ވެދާނެކަމަށެވެ. އެއީ ގޭންގް ހަދައިގެން ދީނީ އިލްމުވެރިންގެ ގޮތުގައި ބަޔަކު ރާއްޖޭގައި އުޅޭތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ނަފުރަތުގެ އަމަލުތައް ކަނޑައަޅައި ސަރުކާރުން ގާނޫނުލްއުގޫބާތަށް ހުށައަޅާފައިވާ އިސްލާހުގެ ބިލުގައިވާ ބައެއް ކަންކަމަށް ބޮދެތި ފާޑުކިއުން އަމާޒުވެފައި ވީނަމަވެސް މަޖިލީހުގެ ކޮމިޓީން ބިލު ފާސްކޮށްފައިވަނީ މާބޮޑު އިސްލާހު ތަކެއް ނެތި އެވެ. އެގޮތުން ގިނަ ބަޔަކު ކަންބޮޑުުން ފާޅުކޮށް ފާޑުކިޔަމުންދިޔަ އާންމު ތަނެއްގައި އިސްލާމަކާއި ދިމާއަށް ކާފަރެއްކަމަށް ބުނުން ނުވަތަ ސިފަކުރުން ޖިނާއީ ކުށަކަށް ހެދުމާއި އަދި ވަކި ގައުމެއްގެ ވަކި ނަސްލެއްގެ އަދި ވަކި ދީނެއްގެ މީހަކަށްވީތީ އެމީހަކާމެދު ނަފުރަތު އުފެދޭ ގޮތަށް ނޫނީ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭފަދަ ބަސްތައް ބޭނުންކޮށްގެން މުމައާމަލާތް ކުރުންފަދަ އަމަލު ތަކަކީވެސް ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުމަށް މާބޮޑު އިސްލާހެއް ގެނަސްފައެއް ނުވެ އެވެ.






