އައްޑޫ ސިޓީގެ ބިން ހިއްކާނީ ކުރިއަށް އޮތް 50 އަހަރުތެރޭ ހިއްކަން ނުޖެހޭނެ ފަދަގޮތަކަށް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މޭޔަރު ނިޒާރު މިހެން ވިދާޅުވެފައިވަނީ އައްޑޫގެ ލޭންޑް ޔޫސް މާސްޓަރ ޕްލޭނާއި ގުޅޭ މައުލޫމާތު ދިނުމަށް ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަމުންނެވެ.
"އަޅުގަނޑުގެ އަދަދަކީ 50 އަހަރުތެރޭ އިތުރަކަށް އައްޑޫގެ ބިން ހިއްކައިގެން ނުވާނެ، 230 ހެކްޓަރުގެ ބިން އައްޑޫ އިން ހިއްކިގެން ދާއިރު އިތުރަށް ދެން އައްޑޫގެ ބިން މި ދެންނެވި މުއްދަތުގެ ތެރޭގައި ހިއްކަންޖެހޭ ސަބަބެއް ނޯންނާނެ" ނިޒާރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މޭޔަރު ނިޒާރު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ބިން މިފަހަރު ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އެއްފަހަރާ އައްޑޫ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ކުރިއަށް މިއޮތް 30 ނުވަތަ 40 އަހަރުތެރޭ އިތުރަށް އައްޑޫގެ ބިން ހިއްކަން ނުޖެހޭނެ ފަދަ ގޮތަކަށް ކަމަށެވެ. މިގޮތަށް ވިސްނުމުގެ މައިގަނޑު ބޭނުމަކީ ދޭތެރެ ދޭތެރެއިން ބިން ހިއްކަން ހަދައިގެން އައްޑޫގެ ތިމާވެއްޓަށް ގެއްލުންތަކެއް ލިބެމުންދާތީ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އިންޑިއާގެ ހައިކޮމިޝަންގެ އެހީތެރިކަމުގެ ދަށުން މިއަހަރުތެރޭގައި އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށާއި މި މަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެއްކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވެ އެވެ.






