އައްޑޫ ސިޓީ މަރަދޫ އިން 3 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އައްޑޫ އިން ހަތަރު ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށާއި އެ ހަތަރު ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވާއިރު އޭގެތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށް އޭއީއެޗުން ބުނެއެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 54 އެކްޓިވް ކޭސް އުޅޭއިރު، މަރަދޫގައި 10 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 64 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.
އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 11 މީހުން ރަނގަޅުވެ، އަދަދު ވަނީ 404 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު ދެ މީހަކަށް ފަރުވާ ދެމުން ދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.






