އައްޑޫ ސިޓީ ހުޅުދޫގައި އަލަށް ތަރައްގީ ކުރާ ބަނދަރުގެ މަސައްކަތް ހިނގާ ގޮތް ބަލާލުމަށް ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއްރަހްމާނާއި އަވަށު އޮފީހުގެ މުވައްޒަފުން މިއަދު ވަނީ އެ މަސައްކަތްކުރާ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ.
މިބަނދަރަކީ ހުޅުދޫގެ ތަރައްގީއަށްޓަކައި ހިންގޭ މުހިންމު މަޝްރޫއުއެއްކަމާއި އަދި މިކަން އުފަލާއެކު ބަލައިގަންނަކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެމްޓީސީސީން މައުލޫމާތުދެމުން ބުނެފައިވަނީ މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ ޖުލައި 28 ގައެވެ.މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި 2،250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.






