Close

އައްޑޫ ސިޓީ ހިތަދޫގެ މިސްކިތްތައް ހުޅުވާލައިފި

ޖަމާއަތުގައި ނުހަދާ ވަކިވަކިން ނަމާދު ކުރަން އައްޑޫ ސިޓީ ހިތަދޫގެ މިސްކިތްތައް ހުޅުވާލައިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހިތަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި ވަނީ ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަ ދީފައެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހިތަދޫގެ މިސްކިތްތަކުގައި ވެސް ޖަމާއަތް ހެދުމަކާއި ނުލައި ވަކިވަކިން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ.

މިސްކިތްތަކުގައި ޖަމާޢަތްތަކުގައި ނަމާދު ނުކުރެވުނު ކަމުގައި ވީނަމަވެސް، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ހިތަދޫގެ މިސްކިތްތައް ހުޅުވާލުމުގެ އިތުރުން، ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކުރު ކުރުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ. އަދި ކާފިއު ގަޑިއަށް ގެނެސްފައިވާ ބަދަލާއެކު ފިހާރަތައް ވެސް ހުޅުވައިގެން ރޭގަނޑު 9 ޖެހުމާ ހަމައަށް ހިދުމަތް ދެވޭނެއެވެ. އަދި ރޭގަނޑު 10 ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

ނަމަވެސް ހޮޓާ، ރެސްޓޯރެންޓް އަދި ގާޑިޔާތަކަށް އަދިވެސް ރޭގަނޑު 10 ޖެހުމާ ހަމައަށް ދެވޭނީ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top