އައްޑޫ ސިޓީގައި ކޮވިޑް 19 ގެ ކޭސްތައް މަދުވެފައިވަނިކޮށް އަލަށް ކޭސްތައް އިތުރުވީ ބަލި ޖެހިފައިހުރި މީހަކު ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވުންކަމަށް އައްޑޫ އިމެޖެންސީ ސެންޓަރުން ބުނެފި އެވެ.
އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގެ މުހައްމަދު ނަޖީބު ވިދާޅުވީ އަލަށް ފެނުން ކޭސްތަކުގެ ތެރެއިން ފުރަތަމަ ޕޮސިޓިވް މީހާ ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. އެ ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމީހާ އަކީ ދިވެއްސެކެވެ.
ކަރަންޓީނުގެ އުސޫލާ ހިލާފުވުމުން އޭނާގެ ފަރާތުން އަލަށް ބަލި ޖެހުނު 2 މީހުންނަކީ2 ބިދޭސީން ނެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 14 މީހަކު ވަނީ ކޮވިޑް19އަށް ޕޮސިޓިވްވެފައި އެެވެ.
"އެންމެ ފުރަތަމަ ފުރަތަމަ ޕޮސިޓިވް ކޭސްއަކީ ހޯމް ކަރަންޓީނު އުސޫލުތަކާ ހިލާފުވެގެން ޕޮސިޓިވްވެފައި އިން ކޭސްއެއް. އެ ކޭސް ރިވިއުކުރެވުނުއިރުގައި އަޅުގަނޑުމެނަށް ފާހަގަ ކުރެެވުނީ އެޗްޕީއޭގެ އެންގުތަކަށް އަދި ހޯމް ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރެވިގެން އޭގެ އިތުރު ކޭސްތައް ފެނިފައިވާކަން ނުވަތަ އަލަށް ބަޔަކު ޕޮސިޓިވް ވެފައިވާކަން،" ނަޖީބު ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ކޮވިޑް ކޭސްއެއް ފެނިފައި މި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރެންޑަމް ސާމްޕަލްއަކުން އެއްވެސް ކޭސްއެއް ނުފެނި އޮތުމަށް ފަހު އެވެ.
އައްޑޫ ސިޓީގައި ކޮވިޑް ކޭސްއެއް ފެނިފައި މި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރެންޑަމް ސާމްޕަލްއަކުން އެއްވެސް ކޭސްއެއް ނުފެނި އޮތުމަށް ފަހު އެވެ. އަދި އަލަށް ފެނުން ކޭސްތަކަކީ މި މަހުގެ ތިން ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ތިން މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ކަމަށް ވެސް އައްޑޫ އީއޯސީން ވަނީ ބުނެފައި އެެވެ.
އައްޑޫގައި އަލަށް ކޭސްތައް އިތުރުވީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް މަސައްކަތްކުރަމުންދަނިކޮށް ކަމަށް އީއޯސީން ވަނީ ބުނެފައި އެވެ. އެހެން ކަމުން ދެން ލުއިތަކަށް މަޑުޖެހޭނެކަން އެ ސެންޓަރުން ފާހަގަކުރި އެވެ.







1 ކޮމެންޓް
ޓއަބަދުވެސް ބޮޑެތިމީހުންނަށް މޮޅުގޮތް އޮންނަ ތަނެއް އައްޑޫއަކީ