Close

ވިޔަފާރި އާމްދަނީން ޓެކްސް މާފް ދިނުމުގެ ބާރެއް ރައީސް އަށް ދެވޭ ގޮތަށް އޮތުމަކީ ނުރައްކަލެއް: މެންބަރު ސައީދު

ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް މާފް ދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ދެވޭ ގޮތަށް އޮތުމަކީ ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިންކަމް ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރި އިރު ދައުލަތުގެ މުއައްސަސާތަކުން ޚިޔާލު ހޯދައިގެން ވެސް އެ މާއްދާއަށް ބަދަލުތަކެއް ނުގެނެއެވެ. އެއީ ބޮޑެތި މަޝްރޫއުތައް އިތުރު ކުރަން ގެންނަ އިސްލާހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

އިގްތިސާދީ ކޮމިޓީގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ގެންދާ ބަހުސްގައި ސައީދު ވިދާޅުވީ، އެ އިސްލާހު ގެންނަން ޖެހޭ ސަބަބު ތަފްސީލްކޮށް މިނިސްޓަރަށް ވިދާޅުވެ ދެވިފައި ނުވާ ކަމަށެވެ.

"އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާ ބާރު ފޯރުވާ ގޮތަކަށް އޮންނަ އެއްޗެއް ނޫން ރައްޔިތުން ދައްކާ ޓެކްސްއަކީ، ބޭނުން ބަޔަކަށް މަޝްރޫއު ދޭން ބޮޑު ދޮރެއް ހުޅުވާފައި، އަދި އެ ކަމަށް ޓެކްސް މާފް ދޭން މާ ބޮޑު ދޮރެއް ހުޅުވަނީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި މި އިސްލާހުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރާ ބޭރުގެ ވިޔަފާރިތަކާއި ރާއްޖެއަށް ލޯނުތައް ދޫކުރާ ފަރާތްތަކާ މެދު ކަންބޮޑުވުން އޮންނާނެއެވެ.

"ބޭރު ދުނިޔޭގެ ފައިނޭންސް، ރާއްޖޭގެ ޕްރޮޖެކްޓްތަކަށް ލެންޑް ކުރާ މީހުންގެ ތެރޭގައި ވެސް ނުތަނަވަސްކަން އޮންނާނެ،" ސައީދު ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.

އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ބިލުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top