ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު މާދަމާއިން ފެށިގެން އުވާލަން ނިންމާ އެކަން އިއުލާންކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން މާލޭގައި ކާފިއު އިއުލާންކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު ކޭސްތަކުގެ އަދަދުތައް މަތިވެގެން ގޮސް ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން 500ށް ވުރެ ގިނަ ކޭސް ވެސް ރިޕޯޓުކޮށްފައިވެއެވެ. އޭރު ކާފިއު އިއުލާންކުރީ ހަވީރު 4 ން އަނެއް ދުވަހުގެ ހެނދުނު 8 ށެވެ.
ކޭސްތައް މަދުވާން ފެށުމުން ލުއިތައް ދެމުން އައިސް ކާފިއު ވަގުތު ރޭގަނޑު 8ން ފަތިހު 4ށް ކާފިއު އޮންނަ ގޮތަށް ލުއިދީފަ އޮންނަތާ ހަފްތާއެއް ފަހުން، ކާފިއު އުވާލާފައިވާއިރު، މިހާރު އެއްވެސް ފާހަކާ ނުލާ ބޭރުގައި އުޅެވޭނެއެވެ. އަދި މިއާއެކު، ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކަށް ވެސް ރޭގަނޑު 11:30ވަންދެން ހުޅުވައިގެން ހިދުމަތް ދިނުމަށް ވަނީ ހުޅުވަލާފައެވެ.
ރާއްޖޭގައި މި ފަހުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ބޮޑު ތަނުން ދަށްވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެންމެ 105 މީހުންނެވެ. އޭގެ ތެރެއިން މާލެ އިން ކޮވިޑަށް ފައްސިވީ 23 މީހުންނެވެ.






