ކައުންސިލްތަކުން 2022 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ މަޢުލޫމާތު ހިއްސާކުރަން ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފި އެވެ.
މާލީ އަހަރު ފެށުމުގެ 2 މަސް ކުރިން ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވެ އެވެ. އެހެންކަމުން އޮގަސްޓް 31 ގެ ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މަޢުލޫމާތު ފޮނުވަދޭން ކައުންސިލްތަކަށް އަންގާފަ އެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އަދި ބަޖެޓާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރުމުގައި ފަންޑުތަކުގެ އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނާނެހެން ސާކިއުލާގައިވާ ފޯމެޓުތަކާ އެއްގޮތްވާނެހެން ފޮނުވައިދިނުމަށް ބުނެފައިވެ އެވެ.
"މި މައުލޫމާތުގެ ތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައިދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރު ކުރަންވާނީ 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގެ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާ ކޮށްފައިވާ އަދަދަށްވުރެ އިތުުރު ނުވާނެ ގޮތަށެވެ،" ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މި އަހަރު އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވާއިރު ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 33 ބިލިއަން ރުފިޔާ އެވެ.






