ހައްދުންމަތީގެ މާވަށަށް އުފަން ޝަމާއިލް ހުސެއިން އަކީ ސުކޫލު ދައުރުން ފެށިގެންވެސް ކުޅިވަރަށް ހަރު ލޯތްބެއް ޖެހިފައިވާ ޒުވާނެކެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން އޭނާ އެންމެ ބޮޑަށް ކުރިއަށް ދިއުމަށް ހިއްވަރުލީ ވޮލީ ކުޅުމުގެ ދާއިރާ އަށެވެ.
މިހާރު އުމުރުން 18 އަހަރުގެ ޝަމާއިލް ބުނި ގޮތުގައި އޭނާ އަށް ވޮލީގެ ދާއިރާއަށް ފުރަތަމަ ވަދެވިގެން އައީ ފުޓުބޯޅަ ކުޅެން ވެގެން ރައްޓެހި ކުދިންނާއެކު ދިޔަ ދުވަހެއްގައި ފުޓުބޯޅަ ކުޅެން މީހުން ނުގޮސްގެން އެދުވަހު ވޮލީ ކުޅެން ދިޔަ ހިސާބުން ކަމަށެވެ.
ހުނަރުވެރި ސްޓްރައިކަރ ޝަމާއިލަކީ އިސްކޮޅުން ދިގު ޒުވާނަކަށް ވުމުން ވޮލީ ގެ މި ކުޅިވަރުގައި އެއީ އޭނައަށް ލިބިފައިވާ ފައިދާއެކެވެ. ނަމަވެސް، އިސްކޮޅު ހުއްޓެއްކަމަކު، ހުނަރާއި ހިތްވަރާ ނެތި މި ކުޅިވަރު ކުޅުމަކީ ދަތި ކަމެކެވެ. އެހެންނަމަވެސް، ލިބިފާވާ އިސްކޮޅާ، ހުނަރާއި ހިތްވަރާއެކު ޝަމާއިލް އަންނަނީ ރާއްޖޭގެ ވޮލީގެ ދާއިރާއިން މޮޅެތި ކާމިޔާބީތައް ހާސިލް ކުރަމުންނެވެ.
ވޮލީ އަށް ޖެހުނު މިލޯތްބާއެކު ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ޝަމާއިލު އައެވެ. އެގޮތުން، އުމުރުން އެންމެ 15 އަހަރުގައި ރާއްޖޭގެ ގައުމީ ވޮލީ ބޯޅަ ޓީމާ ގުޅި 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތެއްގައި ބައިވެރިވެފައިވެއެވެ. އަދި ހަމަ އެއަހަރު 23 އަހަރުން ދަށުގެ ގައުމީ ވޮލީ ޓީމާއި އެކު އޭނާ ވަނީ ރާއްޖެ ތަމްސީލުކުރުމަށް ބޭރުގެ ވޮލީ މުބާރާތެއްގައި ބައިވެރިވެފަައެވެ.
މީގެ އިތުރުން، ޝަމާއިލް ވަނީ އުމުރުން 16 އަހަރުގައި ރާއްޖޭގެ ގައުމީ ސީނިއަރ ވޮލީބޯޅަ ޓީމާއި ގުޅި ދެކެމުން އައި ގިނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މިސްރާބު ޖަހާފައެވެ.
އުމުރުން ހަގު، ހުނަރުވެރި މި ޒުވާނާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ގައުމީ ވޮލީޓީމުގެ ފުރަތަމަ 6 ކުޅުންތެރިންގެ ތެރޭގައި ހިމެނި ގައުމަށް ރީތި ނަން ހޯދަދިނުމެވެ. ޝަމާއިލަކީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ކުޅުންތެރިއަކަށް ވުމުން، މި ހުވަފެނަކީ އޭނަ އަށް ދުރުގަ އޮތްކަމެއްނޫނެވެ.
ފުޓު ބޯޅަކުޅެން ބައިހަމަނުވުމުން ކުޅެން ފެށި މި ކުޅިވަރުން، މިހާރު ޝަމާއިލަކީ ރާއްޖޭގެ ލެވެލްގައި އަރާހުރި ރަން ތަރިއެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.