ގދ.ނަޑެއްލާ އަދި އެރަށުގެ ކައިރީގައިހުރި ފަޅު ރަށްރަށުގެ ހޭޅިފަށުން ވެލިނެގުމަކީ މަނާކަމެއްކަމުގައި ނަޑެއްލާ ކައުންސިލުން އަންގައިފިއެވެ.
ނަޑެއްލާ ކައުންސިލުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ނަޑެއްލާ އާއި އެރަށު ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށްރަށުގެ ހޭޅިފަށުން ފެށިގެން 400 ފޫޓު ދުރުން ނޫނީ ވެލި ނެގުމަކީ މަނާ ކަމެއްކަމސށެވެ. މި ބަޔާނަކީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 8 ވަނަ ޖަލްސާއަށް ހާޒިރުވި 5 މެމްބަރުންގެ އިއްތިފާޤުން ނެރެފައިވާ ބަޔާނެކެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމަން ޖެހުނީ އެ ރަށްރަށުގެ ވަށައިގެންވާ ގޮނޑުދޮށުންނާއި އެ ރަށްރަށުގައި އޮންނަ ވޮޑޭ ތުނޑިތަކަށް މޫސުމާއެކުވެގެން ވެލި ޖަމާވާ ސަރަހައްދުތަކުން ރަށުގެ ބައެއް މީހުން ވެލި ނެގުމުގެ ސަބަބުން އެރަށްރަށުގެ ވަށައިގެން އޮންނަ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރެމުންދާތީ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ނަޑެއްލާ ކައިރީ ރަށްރަށުގެ ގޮނޑުދޮށުންނާއި ވޮޑޭ ތުނޑިތަކަށް މޫސުމާއެކުވެގެން ވެލި ޖަމާވާ ސަރަހައްދުތަކުން ވެލި ނަގާ ފަރާތްތަކަށް އެކަން ނުކުރުމަށް އަމުރުކޮށް މިއަމުރަށް ކިޔަމަންނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް އެބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.






