އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގި ފްލައިން ސްކޫލްގައި ކިޔަވަމުންދާ 48 ދަރިވަރަކު އެ ސްކޫލްގެ ފަރާތުން ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ މައްސަލަ ކޯޓުން މިހާރު ބަލައިގަނެފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ފަރާތުން ޕްރޯ ބޯނޯ އުސޫލުން ކޯޓުގައި މި މައްސަލާގައި ތަމްސީލްކުރަނީ ޕްރިމިއާ ޗެމްބާސް ލޯ ފާމުންނެވެ.
ހުށައެޅި މައްސަލައިގައި ދަރިވަރުން އެދިފައިވަނީ އޭއޭއޭ އިން ދަރިވަރުންނާ އެކު ވެފައިވާ އެއްބަސްވުމާއި އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.
އޭއޭއިން ދަރިވަރުންގެ އަތުން ތަމްރީނުގެ ނަމުގައި ހައްގު ނޫޏް ފައިސާތަކެއް ނަގާފައިވާ ކަމާއި އެގޮތުން ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިން އެއާކްރާފްޓް ނެތުމުގެ ސަބަބުން އެހެން އެއާކްރާފްޓްތައް ބޭނުން ކުރަން މަޖުބޫރުކުރުވައި އިތުރަށް ފައިސާ ނަގާފައިވާ ކަމަށްވެސް ބުނެފައެވެ.
ދަރިވަރުން މި މައްސަލަ ހުށަހަޅާފައިމިވަނީ އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ޖުލައި މަހުގެ 31 ގެ ނިޔަލަށް ހަމަވެ މުއްދަތު އިތުރުނުކުރުން އަންގާފައިވާ ދަނޑިވަޅެއްގައެވެ.






