ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ކުރާ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
އެ ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއްގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކޮށްފައިވަނީ، އެ ހިދުމަތް ދިނުމަށް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރި ފެނަކަ ކޯޕަރޭޝަނާ އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކުރީ މި ސަރުކާރުގަ އެވެ.
ފެނަކައިން ބުނިގޮތުގައި މަސައްކަތްތައް ކުރިއަށްދާގޮތް ނައިބު ރައީސް ފައިސަލް އާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވަނީ މިއަދު ބައްލަވާލައްވާފައެވެ. އަދި އެ މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ހިތްވަރު ދެއްވިކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ރާއްޖެއަށް މޫސުން ގޯސްވެ، ދެކުނަށް ވިއްސާރަވާ ކޮންމެ ފަހަރަކު ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެގޮތުން، އެ ސިޓީގެ ފެން ހިންދާ ނިޒާމާއި ނަރުދަމާ ނިޒާމަށް ގިނަ މައްސަލަތަކެއް ކުރިމަތިވާއިރު، ގޭބިސީތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.






