އައްޑޫ ސިޓީ ކައުންސިލަށް ލިބެން ޖެހޭ އާމްދަނީގެ 75 އިންސައްތަ ވެސް ނުލިބޭ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލަށް މިއަހަރު ތެރޭގައި ލިބޭނެކަމަށް ލަފާކުރެވިފައިވާ އާމްދަނީ އަކީ 34 މިލިއަން ރުފިޔާ ކަމަށްވާއިރު މިހާތަނަށް ލިބިފައިވަނީ 5 ވަރަކަށް މިލިއަން ރުފިޔާ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ އައްޑޫގެ ބިމު ކުލިންކަމަށާއި އައްޑޫގެ ބިމު ކުލީގެ ގޮތުގައި 5000 އަކަފޫޓާއި ހަމައަށް ބިމެއް 1 ރުފިޔާގެ ނިސްބަތުން ދޭއިރު، 5000-10،000 އަކުފޫޓު ބިމަކަށް ނަގަނީ 75 ލާރިއަށްކަމަށާއި10،000-15،000 އިގެ ބިމަކަށް 65 ލާރި އަދި އެއަށް ވުރެ ބޮޑު ބިމެއްނަމަ އަކަފޫޓަކަށް ކަނޑައަޅާފައިވަނީ 60 ލާރި ކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
އަދި އައްޑޫގެ ބިމު ކުލީގެ %75 ނުލިބޭއިރު މިވަގުތަށް މިއާމްދަނީ ހޯދުމަށް މަޖުބޫރު ކޮށްގެން އެކަން ގިނަ ފަރާތްތަކަށް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން މިކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވެސް އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނެއް ނެތުމުން ކޮމާޝަލީ މުހިންމު ސަރަހައްދު ތަކުން ގެވަޅު ދޫކޮށް ބިން ބަހާ ނިންމާފައިވާކަން ނިޒާރު ފާހަގަ ކުރައްވަފައިވެއެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ހުޅަނގާއި، އިރުމަތީގައި ހުރި ބިންތައް ކައުންސިލަށް ނަގަން ނިންމާފައިވާކަން ފާހަގަ ކުރައްވާ މިއީ ކައުންސިލުގެ އާމްދަނީ އިތުރު ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ބިންތައް ނެގޭ އިރު، ބަދަލު ވަގުތުން ދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވެފައިވެ އެވެ.






