އައްޑޫގައި ހިންގާ އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކިޔެވުން އަލުން ފަށައިފި އެވެ.
އައްޑޫ ގައި ހުންނަ ފްލައިން ސްކޫލްގެ ކިޔެވުން ފަށާފައި މިވަނީ ދިގު މުއްދަތަކަށް ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު ފްލައިން ސްކޫލުގެ ސްކޫލުގެ ހުރިހާ ކަމެއް އެވިޑް ކޮލެެޖުގެ ދަށަށް މިދިޔަ މަހު ބަދަލު ކުރުމަށް ފަހު އެވެ.
ސްކޫލުގައި މިހާރު ކިޔަވަމުން ގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަ ޓްރެއިނިންތައް އިއްޔެ އަލުން ފަށާފައިވާ ކަމަށާއި ހަފްތާއެއް ކުރިން ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަ ކުރަންޖެހޭ ދަރިވަރުންގެ ކްލާސްތައް ފަށާފައިވާ ކަމަށް އެވިޑުން ބުނެފައިވެއެވެ.
އިމްތިހާނު ހަދަން ޖެހޭ ކުދިން އިމްތިހާނަށް ތައްޔާރު ކުރުމަށް ރިފްރެޝާ ކްލާސްތައް ވެސް ފަށާފައިވާ ކަމަށާއި ރިފްރެޝާ ކްލާސްތައް ކުރިއަށް ގެންދަނީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާކަމަށާއި އެ ކްލާސްތައް ނިމުމުން އިމްތިހާނު ޝެޑިއުލް ތައްޔާރު ކުރުމަށް ފަހު، ސިވިލް އޭވިއޭޝަންގެ އިރުޝާދުގެ ދަށުން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެވިޑުން ބުނެފައިވެއެވެ.
ސްކޫލުގެ ކަންކަން މިހާރު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު މި ވަގުތު ހުންނެވީ އައްޑޫގަ އެވެ.






