އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް އައްޑޫ ސިޓީ ކައުންސިލުން ނެގި މައްސަލައިގެ ދައުވާ ގެ ކަންކަން މި މަހުގެ 24 ވަނަ ދުވަހު ނިންމަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ތާވަލުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދައުވާ އަކީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައި 40 ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމާމެދު ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މައްސަލަ ހޫނުވެ، ބައެއް މީހުން ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ކޮށްފައިވާ ދައުވާއެކެވެ.
މި މައްސަލައިިިިިިިިިިގެ ދައުވާ ހުށައެޅި ގޯތިތަކުގެ ވެރިން ތަމްސީލުކުރާ ވަކީލު ވިދާޅުވި ގޮތުގައި ދައުވާ ކުރަން ބޭނުންވާ 18 ވަރަކަށް މީހުން ތިބި ކަމަށާއި މިހާތަނަށް ކޯޓަށް ހުށަހަޅާފައި ވަނީ 14 މީހެއްގެ މައްސަލަކަމަށެވެ.
ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެ އެވެ.
އެ މައްސަލަތައް ނިމެންދެން، ދައުވާ ކުރި މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް، ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެ މީހުންގެ ފަރާތުން ވަނީ އެދިފައި ކަމަށާއި ކޯޓު އަމުރާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމަން ތާވަލުކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ހުކުމް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.
ގޯތިތައް ނަގާފައިވާ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމަށާއި މުޅި އައްޑޫގެ މުސްތަގުބަލަށް ޓަކައި އެ ބިން ނެގުން މުހިންމު ކަމަށް ކައުންސިލުން ދެކޭ ކަމަށާއި ނެގި ގޯތިތަކުގެ ބަދަލުގައި ގޯތިތައް ދޫކުރާނީ އައްޑޫގެ ހޮސްޕިޓަލު އަޅަން ކުރިން ނިންމި ބިމުން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.






