ތ. ހިރިލަންދޫ ކައުންސިލްގެ މެމްބަރަކާއި ރައީސް އެމްއެންޕީއާ ގުޅިއްޖެއެވެ.
އެމްއެންޕީއިން ކުރި ޓުވީޓެއްގައި ބުނީ އެ އަތޮޅު ހިރިލަންދޫގެ ކައުންސިލް މެމްބަރ އަލީ އައްސަދު އާއި، ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް އެމްއެންޕީއާ ގުޅިފައިވާ ކަމަށެވެ. އެ ދެ މެމްބަރުންނަކީ ވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ދެ މެމްބަރުންނެވެ.
މި ދެ މެމްބަރުން ގުޅިވަޑައިގެންނެވިއިރު، އެ އަތޮޅުން 500 މެމްބަރުން ވަނީ އެމްއެންޕީއަށް ސޮއިކޮށް ފޯމު ހުށަހަޅާފައެވެ. އަދި އަތޮލޫ ކައުންސިލްގެ ކުރީގެ ރައީސް ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްއެންޕީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވަނީ 3000 މެމްބަރުންގެ ސޮއެވެ. އެ ޕާޓީން ވަނީ 5000 މެމްބަރުން ހަމަކޮށް އަންނަ ހަފްތާގައި ރަޖިސްޓްރޭޝަން އަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ. ޕާޓީން އަމާޒު ހިފާފައި ވަނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.






