Close

ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ މައްސަލައަށް އޮތް އެންމެބޮޑު ޙައްލަކީ، ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުން: ރައީސް

ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ މައްސަލައަށް އޮތް އެންމެބޮޑު ޙައްލަކީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތަކާ ދޭތެރޭގައިވެސް ވިސްނާލަން ޖެހޭކަމަށާއި، މިގޮތުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.

"ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދޭ. މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔަކާ، އަޅުގަނޑު މި ދެންނެވި ދެ ކަންތަކަށް ޙައްލެއް ލިބޭނެ ކަމަކަށެއް އަޅުގަނޑެއް ގަބޫލެއްނުކުރަން. މި ދެކަންތަކަށްވެސް އޮތް އެންމެބޮޑު ޙައްލަކީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުން. ކުޑައިރުއްސުރެ ފަށައިގެން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ދަރިވަރުންނަށް ތަޢުލީމުދީ، މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ކަންތައްތަކުން ދުރުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކަށް ބާރުއަޅައިދީގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މިހާރުވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވައިލެވިފައި ކަމަށެވެ.

މިގޮތުން ހަރުކަށި ފިކުރާ އިދިކޮޅަށް، އެކަން ހުއްޓުވުމަށްޓަކައި ކުރަންހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭން، ނިމިފައިވާ ކަމަށާއި، އަދި މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އޭގެ ޕްލޭނެއްވެސް އެކުލަވައިލެވި، ޢަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top