ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި މިވަނީ ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލްގެ އެހީ ފުލުހުން ހޯދާފައިވަނިކޮށެވެ. އޭނާ ހައްޔަރުކުރީ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރަން ތައްޔާރުވެފައި ވަނިކޮށެވެ.
ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާ ކްރިމިނަލް ކޯޓުގައި ޝަރީއަތް ދަނީކުރިއަށެވެ. އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް އޮންލައިންކޮށް ގެންދަން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން، ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓާ ހަވާލުވުމަށް ފަހު ހާޒިރު ނުވުމުންނެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަ ފެންމަތިވުމާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް ބޭފަރުވާއަށް ދާން އެދުމުން ހަތަރު މަހަށް އޭނާގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކުރިއެވެ. އޭނާ އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ވަޑައިނުގެން ހުންނެވީ ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެއެވެ.






