މ. ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އެމްޓީސީސީން ފަށައިިފި އެވެ.
ދިއްގަރުގެ ބިން ހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިއްގަރުގެ ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގައި ރަށުގެ ފަޅުތެރެއިން 25ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކި ބިން ޙިމާޔަތްކުރުމާއި، ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 15މަސް ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.
މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވީ މި މަސައްކަތްތައް ކޮށްދިނުމަށް ދާއިރާގެ ރައްޔިތުން އެކި ސަރުކާރުތަކުގައި އެދުނުކަމަށެވެ. ނަމަވެސް މިކަން މިހާތަނަށްވެސް އޮތީ ހުވަފެނެއްގެ ގޮތުގައިކަމަށާއި، ބިން ހިއްކުމުގެ މަސައްކަތާއެކީ ބޯހިޔާވަހިކަމުގެ އިތުރަށް، އިތުރު ގޮތްގޮތުންވެސް ރަށަށް ބޮޑެތި ކުރިއެރުންތައް އަންނާނެކަމަށް އިކްރާމް ވިދާޅުވިއެވެ.
މ.ދިއްގަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މި ޕްރޮޖެކްޓްގެ އަގަކީ 121.8މިލިއަން ރުފިޔާއެވެ.






